ޓޫރިޒަމް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން އިސްވެ ހުންނަވައިގެން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ރަޝިއާގެ މޮސްކޯ އަދި ސެއިންޓް ޕީޓަސްބާގަށް ވަނީ ފުރައިފައެވެ.
މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ވިޒިޓް މޯލްޑިވްސް، އެމްއޭސީއެލް، މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ ފަރާތްތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ފްލައިޓް ކެޕޭސިޓީ އިތުރުކުރުމާއި، ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމާއި، 'ވިޒިޓް މޯލްޑިވްސް އިޔާ 2027' އަށް ތައްޔާރުވުމުގެ ގޮތުން ރަޝިއާގެ ސަރުކާރާއި ޓުއާ އޮޕަރޭޓަރުންނާ އެކު މަޝްވަރާކުރުމެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިއީ ރާއްޖެއަށް އަންނަ މެހެމާނުންނާ އޮތް ގުޅުން ދަމަހައްޓައި، ޕާޓްނަރުންގެ އަޑުއެހުމަށް ކުރެވޭ މުހިންމު ދަތުރެއް ކަމަށެވެ. ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި 2 ވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮންނަ މާކެޓެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރަޝިއާއިން 192,453 ފަތުރުވެރިން (%14.7) ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރު އެ ގައުމުން ޖުމްލަ 278,761 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.



