ތުރުކީ، ސައޫދީ އަރަބިއްޔާ އަދި ޕާކިސްތާނުން ގުޅިގެން އެކުލަވާލާފައިވާ "މައްކާ ޖޮއިންޓް ދިފާއީ އިއްތިހާދު" ގައި މިޞްރުންވެސް ބައިވެރިވުމުގެ ފުރުސަތު ބޮޑުކަމަށް ތުރުކީގެ ރައީސް ރެޖެޕް ތައްޔިބު އަރުދޯގާން ވިދާޅުވެއްޖެއެވެ.
އިސްލާމީ ގައުމުތަކުގެ މެދުގައި ދިފާއީ އަދި ސެކިއުރިޓީ ގުޅުންތައް ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އަރުދޯގާން ވިދާޅުވީ، މިޞްރު މިއިއްތިހާދާ ގުޅުމަކީ މުޅި ސަރަހައްދީ ސަލާމަތާއި ތަންވަޅު ހަމަޖެހުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ތުރުކީގެ ހާރިޖީ ވަޒީރު ހަކާން ފިދާންވެސް ވަނީ މިޞްރަކީ މިއިއްތިހާދުގެ "ގުދުރަތީ ބައިވެރިއެއް" ކަމަށް ސިފަކުރައްވައި، ބައެއް ފަންނީ މަޝްވަރާތައް ނިމުމުން މިޞްރުން މިއިއްތިހާދާ ގުޅޭނެ ކަމަށް ވިދާޅުވެފައެވެ.
މި ދިފާއީ އެއްބާރުލުމުގެ މައިގަނޑު އަސާސަކީ އިއްތިހާދުގެ ކޮންމެ ގައުމަކަށް ދެވޭ އަސްކަރީ ހަމަލާއަކީ އެހެން ގައުމުތަކަށްވެސް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، އެކުގައި ދިފާއުވުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ އިތުރުން، މި އިއްތިހާދުގެ ދަށުން އަސްކަރީ އުފެއްދުންތައް އަމިއްލައަށް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމާއި، ސެކިއުރިޓީ މަޝްވަރާތައް ގުޅިގެން ކުރިއަށްގެންދިއުމުގެ އިތުރުން ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. އެފްރިކާ ބައްރުގައި އޮތް އެންމެ ވަރުގަދަ އަސްކަރިއްޔާ އޮތް މިޞްރުން މިއިއްތިހާދާ ގުޅިއްޖެނަމަ، މިއީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އަސްކަރީ ތިލަފަތަށް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ.
ފާއިތުވި އަހަރުތަކުގައި ތުރުކީއާއި މިޞްރުގެ މެދުގައި އޮތް ސިޔާސީ ނުތަނަވަސްކަން ހައްލުކޮށް، ދެގައުމުގެ ހާރިޖީ އަދި އިގްތިސާދީ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. މިޞްރުން މިއިއްތިހާދުގައި ބައިވެރިވެއްޖެނަމަ، މިއީ އިސްލާމީ ބޮޑެތި ގައުމުތަކުގެ މެދުގައި އުފެދޭ އެންމެ ވަރުގަދަ އަސްކަރީ އަދި ދިފާއީ އިއްތިހާދަށް ވެގެންދާނެ ކަމަށް ސިޔާސީ އަދި އަސްކަރީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.




