މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ޚަބަރުތަކަކީ ދޮގެއް ކަމަށާއި، ސިސްޓަމުގައި ހުރި މައުލޫމާތުތައް ލީކުކޮށްފައިވަނީ ކުންފުނީގެ މުވައްޒަފަކު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީގެ އެތެރޭގެ ތަހުގީގުން އެނގިފައިވާ ގޮތުގައި، އެ މުވައްޒަފު އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލުގަނެ، ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައެވެ. މި މައްސަލައާ ގުޅިގެން އެ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ.
އެމްޓީސީސީން ބުނީ ބެކްއެންޑް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ސިސްޓަމް ވަގުތުން ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެންދިޔަ ކަމަށެވެ. އަދި ރޭގެ 11:30 ގައި ސާވަރާއި ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯކޮށްފައިވާތީ، ކަސްޓަމަރުންނަށް ޓެކްސީގެ ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. މިއީ ބޭރުން ފަޔަރވޯލަށް ހަމަލާއެއް ދީގެން ހިންގާފައިވާ ކަމެއް ނޫންކަން ފާހަގަކޮށް، އެ މުވައްޒަފާމެދު ގަވާއިދުގެ ތެރެއިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.




