ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި، ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި ހުށަހެޅި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެޖެންޑާކުރަން ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.
މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅޭގޮތުން ދެ ހުށަހެޅުމެއް ހުށަހެޅުނެވެ. އެއީ ޕެޓިޝަނާ މެދު ކައުންސިލުތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދެކޭ ގޮތް ލިއުމުން ހޯދުމަށާއި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް މި ޕެޓިޝަން އެޖެންޑާކުރުމަށެވެ.
މި ދެ ހުށަހެޅުން ވެސް ކޮމިޓީން ފާސްކޮށްފައިވަނީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީ މި ބިލުގެ މަގްސަދެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، މި ބިލުގެ ދަށުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ ދަށުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް އޮތުމުން، އެކަމަށް ގިނަ ކަންބޮޑުވުންތަކެއް ވަނީ އަމާޒުވެފައެވެ.
ހުށަހެޅިފައިވާ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލުގެ ސަބަބުން ސަރުކާރުގެ ނިންމުންތަކަށް ދެކޮޅުހަދާ ކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި ރަށުގެ ކަންކަމުގައި ބަސްބުނުމަށް ރައްޔިތުންނަށް ލިބިދީފައިވާ ޤާނޫނީ ޙައްޤުތައް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ވެސް އެ ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.


