އީރާނުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގަމުންދާ ކަނޑުގެ ބަންދު (ބްލޮކޭޑް) މުއްދަތެއް ނެތް ގޮތަށް ކުރިއަށް ގެންދިއުމުގެ ގާބިލުކަން އެ ގައުމަށް ލިބިގެންވާ ކަމަށް ބުނެ އެމެރިކާގެ ސަރުކާރުން އީރާނަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.
އެމެރިކާއިން މި އިންޒާރު ދީފައިވަނީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ކުރަމުންދާ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ފެއިލްވަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ސަރަހައްދަށް ބަދަލުކުރަމުން ގެންދިއުމުގެ ގާބިލުކަން ހުރުމާއެކު، އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން މުއްދަތެއް ނެތް ގޮތަށް އެމެރިކާއަށް ތިބެވޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ފަދަ ވަރުގަދަ ދިފާއީ ފާރެއް ބިނާކުރުމުގެ ގާބިލުކަން ލިބިގެންނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފިޔަވަޅުތަކާއެކު އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވެސް ވަނީ އީރާނާ ދެކޮޅަށް އިގްތިސާދީ ގޮތުން މީގެ ކުރިން ދުނިޔޭގެ ތާރީޚުގައިވެސް ގައުމަކާ ދެކޮޅަށް އަޅާފައިނުވާ ފަދަ ހަރުކަށި ފިޔަވަޅުތަކެއް ކުރިޔަށް އޮތް ހަފުތާގައި އިއުލާން ކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އީރާނު އިގްތިސާދީ ގޮތުން އެކަހެރިވެ، އެ ގައުމަށް ލިބޭ މާލީ ގެއްލުންތައް އިތުރަށް ބޮޑުވެގެންދާނެ ކަމަށް އެމެރިކާގެ ސަރުކާރުން ބުނެއެވެ. ނަމަވެސް އީރާނުގެ އަސްކަރިއްޔާއިން އެމެރިކާގެ މި ހުރިހާ ދައުވާތަކެއް ދޮގުކުރެއެވެ.
އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އެމެރިކާއަށް ލިބިގެންވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެކެވެ. އަދި އެމެރިކާގެ މި އަމަލުތަކަކީ އެ ގައުމުގެ އަސްކަރިއްޔާގެ ނުކުޅެދުންތެރިކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އީރާނުން ބުނެފައިވެއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެ، ސަރަހައްދީ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ.


