މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް އަޅަމުންދާ ތިލަމާލެ ބްރިޖަކީ މި ސަރުކާރުން "ސުމަކުން" ފަށަންޖެހުނު މަޝްރޫއެއް ކަމަށާއި، ނަމަވެސް މިހާރު ކުރިއަށްދާ ބާރުމިނުގައި މާ ލަސްތަކެއް ނުވެ އެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ "ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ބްރިޖުގެ އަމަލީ މަސައްކަތް އޮތީ ސުމެއްގައި ކަމަށާއި، މާލެއާއި ވިލިމާލެއިންވެސް އެކަށީގެންވާ މަސައްކަތެއް ފެންނަން ނެތް ކަމަށެވެ.
ނަމަވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން އިންޑިއާ ސަރުކާރާއެކު އޮތް ގާތް ގުޅުމުގެ ތެރެއިން ކުރެވުނު މަސައްކަތުން، މިހާރު މާލެއާއި ވިލިމާލެ ގާތްގަނޑަކަށް ގުޅުވާލެވި، ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ކުރަންޖެހޭ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން ހިންގާ މި ބިޔަ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ފެށި މި މަޝްރޫއުގެ ދަށުން މައިގަނޑު ތިން ބްރިޖެއް އެޅުމުގެ އިތުރުން، ވިލިމާލޭގައި ރޭމްޕެއް ހެދުމާއި، ގުޅީފަޅުގައި މަގެއް ހެދުމުގެ އިތުރުން ވިލިމާލެއާއި ތިލަފުށިން ބައެއް ހިއްކުން ހިމެނެއެވެ. އެފްކޮންސް ކުންފުނިން ލަފާކުރާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ ތެރޭގައެވެ.



