ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ދޫކުރާ 'ބޭންކް ފަންޑު' މިއަހަރު ލިބޭ 5 ޖަމިއްޔާއެއް ވަނީ ހޮވައިފައެވެ.
އެއީ ދިއްދޫ ކުރިމަގު، ޔުނިޓީ ސްޕޯޓްސް އެކަޑަމީ، ލާމު ފާމަރސް އެސޯސިއޭޝަން، ބްލޫ ގިލްޑް ފައުންޑޭޝަން އަދި ކަލައިދޫ ވިންގްސްއެވެ. މީގެ ތެރެއިން ދިއްދޫ ކުރިމަގު ޖަމިއްޔާއިން ހއ. ދިއްދޫގައި 'ހައިވް' ކިޔާ ޑިޖިޓަލް މަރުކަޒެއް ގާއިމުކުރުމަށް ފަންޑު ލިބުނުއިރު، ޔުނިޓީ ސްޕޯޓްސް އެކަޑަމީން ށ. ފުނަދޫގައި 'މާމުލި އިކޯ ޕާކް' ތަރައްޤީކުރާނެއެވެ. އަދި ލާމު ފާމަރސް އެސޯސިއޭޝަނުން ލ. ފޮނަދޫއާއި ގަމުގައި 'ފަހިގޮވާން' އެގްރޯ-ޕްރޮސެސިންގ ހަބެއް ގާއިމުކުރުމަށް، ބްލޫ ގިލްޑް ފައުންޑޭޝަނުން ށ. އަތޮޅު ސްކޫލުގައި 'މޭކަރ ސްޕޭސް' އެއް ހެދުމަށް އަދި ކަލައިދޫ ވިންގްސްއިން ލ. ކަލައިދޫ ބަނދަރުގައި 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްޤީކުރުމަށް ވަނީ ފަންޑު ހަމަޖެހިފައެވެ.
'ބޭންކް ފަންޑު'ގެ ދަށުން ހޮވޭ ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލުން ހާމަކުރި ގޮތުގައި މި ފަންޑު ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމާއި، ރަށްރަށުގައި އިޖުތިމާޢީ އަދި ތިމާވެއްޓާ ގުޅުންހުރި ދެމެހެއްޓެނިވި މަޝްރޫޢުތައް ހިންގުމަށް އެހީތެރިވެދިނުމެވެ.



