ސްޓްރެއިޓް އޮފް ހޮރްމުޒް ނުވަތަ ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާންގެ ބާރުގެ ދަށުގައި ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް އީރާނުން ރައްދުދީފިއެވެ.
އީރާނުގެ އަސްކަރިއްޔާއިންނާއި އެ ގައުމުގެ ބާސިޖް އަސްކަރީ ގްރޫޕުން ވަނީ އެމެރިކާއިން އެ ސަރަހައްދު ކޮންޓްރޯލް ކުރާ ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށް ބުނެފައެވެ. މި މައްސަލައިގައި އީރާނުގެ މަރުކަޒީ އަސްކަރީ ކޮމާންޑުގެ ތަރުޖަމާނު އިބްރާހީމް ޒުލްފަގާރީ ވިދާޅުވީ، ހޮރްމުޒް ކަނޑުއޮޅީގެ ކަންކަން ބަލަހައްޓަމުންދަނީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއިން ކަމަށެވެ.
އަދި އީރާނުގެ ހުއްދައެއް ނެތި އެއްވެސް ވިޔަފާރި އުޅަނދަކަށް ނުވަތަ ތެޔޮ ޓޭންކަރަކަށް އެ ސަރަހައްދުން ރައްކާތެރިކަމާއެކު ދަތުރު ނުކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުގެ މި ރައްދު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތު ސޯޝަލް" ގައި ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާއަށް ލިބިފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ އެމެރިކާގެ އަސްކަރީ ބާރުތަކުން އެ ސަރަހައްދުގައި ވަރުގަދަ ބްލޮކޭޑެއް ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޭނުންވާ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. އީރާނުން ބުނަމުންދަނީ އެމެރިކާގެ ފަރާތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ދެކޮޅަށް އެ ގައުމުގެ ސިފައިން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށެވެ.


