ސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ އިދާރާތަކުގެ އުފެއްދުންތެރިކަން އިތުރުވެ، ހިދުމަތުގެ ފެންވަރު ރަނގަޅުވުމަށް މަގުފަހިވާ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ސިވިލް ސާވިސް ކޮމިޝަން ގުޅިގެން ބޭއްވި "ސެމިނާ އޮން ވާކްޕްލޭސް މެންޓަލް ވެލްބީން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ނަފުސާނީ ގޮތުން ދުޅަހެޔޮ މުވައްޒަފުން ތިބޭ ތަންތަނުގައި ސަލާމް ބުނުމާއި، ގަޑިޖެހުމާއި، އަދި އިދާރީ އުސޫލުތަކާ ހިލާފުވުން ފަދަ ކަންކަން މަދުވާކަން ދިރާސާތަކުން އެނގޭ ކަމަށެވެ. މީގެ އިތުރުން، އެފަދަ މާހައުލެއްގައި މަސައްކަތުގެ ރޫހު އާލާވެ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ލިބޭ ހިތްހަމަޖެހުން އިތުރުވެގެންދާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ މުވައްޒަފަކުވެސް އޮފީހަށް ނުކުންނަނީ އާއިލީ ކަންކަމާއި ސިއްހީ ފިކުރުތައް ފަދަ އެތައް ޒާތީ ނުތަނަވަސްކަމެއް ހިތުގައި ބާއްވައިގެންނެވެ. އެހެންކަމުން، މަސައްކަތުގެ މާހައުލަކީ އެ ފިކުރުތަކަށް ލުޔެއް ލިބޭ ފަދަ، އެކަކު އަނެކަކަށް އަޅާލާ، އެކުވެރި ޓީމެއް އޮންނަ މާހައުލަކަށް ވާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، އޮފީސްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ހުރިހާ ފަންތިއެއްގެ މުވައްޒަފުންނަށް ހަމަހަމަކަމާއެކު އިހުތިރާމްކުރުމާއި، ކަންކަމުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މުހިންމުކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، 2021 ވަނަ އަހަރުގެ "ސްޓެޕް" ސާވޭގެ ތަފާސްހިސާބުތަކަށް ހަވާލާދެއްވައި ފަސްޓް ލޭޑީ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހެއް ކަމަށެވެ. އަދި މިއީ މުޖުތަމައުގެ ފެންވަރުގައި ހުރިހާ މުއައްސަސާތަކަކުންވެސް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއްކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.




