ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީއެސްޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާއެކު، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޯގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 26.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކްސް އާމްދަނީގެ ކުރިއެރުން
ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރާ ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 18.7 ބިލިއަން ރުފިޔާއިން މިއަހަރު 20.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި ހިމެނެނީ:
- ޖީޖީއެސްޓީ އަދި ޓީޖީއެސްޓީ: މުދަލާއި ޚިދުމަތުން ނަގާ ޓެކްސްގެ ގޮތުގައި ޖުމްލަ 10.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ (ކުރީ އަހަރު 9.9 ބިލިއަން). މީގެ ތެރެއިން ޖީޖީއެސްޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
- ކޯޕަރޭޓް އަދި ވިޔަފާރީގެ ފައިދާގެ ޓެކްސް: ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް 18.5 އިންސައްތަ އިތުރުވެ 5.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބުނެވެ.
- އިމްޕޯޓް ޑިއުޓީ: 13.2 އިންސައްތައިގެ އިތުރުވުމަކާއެކު 2.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
- އެހެނިހެން ޓެކްސް: އެއާޕޯޓް ޓެކްސް އާއި ފީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ (14.9% އިތުރުވުމެއް)، ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އަދި ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 885.0 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
- ޓެކްސް ނޫން އާމްދަނީ އާއި ހިލޭ އެހީ
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 2.6 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ހަރުމުދަލުން ލިބުނު 1.7 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑްގެ ގޮތުގައި ލިބުނު 483.1 މިލިއަން ރުފިޔާ ހިމެނެއެވެ.
އަދި ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ ކުރީ އަހަރުގެ 221.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެ، 454.8 މިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުގެ ޚަރަދުތަކާއި ދަރަނި އަދާކުރުން
އާމްދަނީ އިތުރުވިނަމަވެސް، ދައުލަތުގެ ހިންގުމުގެ ޚަރަދު (ރިކަރަންޓް އެކްސްޕެންޑިޗާ) ވަނީ 20.2 އިންސައްތަ އިތުރުވެ 23.9 ބިލިއަން ރުފިޔާއަށް އުފުލިފައެވެ.
- މުސާރައާއި އިދާރީ ހަރަދު: މުސާރައާއި، އިނާޔަތްތަކާއި، ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ޚަރަދުވި އިރު، އިދާރީ ހިންގުމަށް 14.4 ބިލިއަން ރުފިޔާ ހޭދަވިއެވެ.
- ސަބްސިޑީ އާއި އާސަންދަ: އެހީއާއި ސަބްސިޑީގެ ޚަރަދު 7.8 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ 75.7 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އާސަންދައަށް ކުރި ހޭދަ ވަނީ 1.3 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.
- ކެޕިޓަލް ޚަރަދު: ތަރައްޤީގެ މަޝްރޫޢުތަކާއި އުމްރާނީ ވަސީލަތްތަކަށް ކުރެވުނު ކެޕިޓަލް ޚަރަދު 7.0 އިންސައްތަ އިތުރުވެ، 3.4 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
މާލީ ވުޒާރާގެ ރިޕޯޓުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ދަރަނި އަދާކުރުމަށް ސަރުކާރުން ދޭ އިސްކަމެވެ. އެގޮތުން ބޭރުގެ ލޯނުތައް އަދާކުރުމަށް ކުރި ހޭދަ 146 އިންސައްތަ އިތުރުވެ، އޯގަސްޓް 6 ގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ (ކުރީ އަހަރު 3.9 ބިލިއަން).
މާލީ ހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސް 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައި ހުރިނަމަވެސް، ޕްރައިމަރީ ބެލެންސް ވަނީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައި ހިފެހެއްޓިފައެވެ.



