ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި ސަރުކާރުން ޒުވާނުންނަށް މަތީ ތަޢުލީމާއި ހުނަރާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޒުވާނުންނަކީ ޤައުމުގެ އެންމެ ބޮޑު އެއް ބާރު ކަމަށާއި، އެމީހުންގެ އުފެއްދުންތެރިކަމާއި އަޒުމަކީ މުޖުތަމަޢުއަށާއި މުޅި ޤައުމުގެ މުސްތަޤުބަލަށް އެތައް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު އަސާސެއް ކަމަށެވެ.
ޒުވާނުން ބާރުވެރިކުރުވައި މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމަށްޓަކައި، ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމްގެ އިތުރުން ކްރީއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެއިތުރުން ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީއެއް އުފައްދައި، އަޕް-ސްކިލިންގ ޕްރޮގްރާމްތައްވެސް ދަނީ ހިންގަމުންނެވެ. ބައިނަލްއަޤްވާމީ ގޮތުން އޮގަސްޓު 12 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1998 ވަނަ އަހަރު ބޭއްވި ދުނިޔޭގެ ޒުވާނުންނާބެހޭ ވަޒީރުންގެ ބައްދަލުވުމެއްގައި ނިންމި ނިންމުމަކާ ގުޅިގެންނެވެ.




