ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މި ޖީލުގެ ބައެއް ކުދިން މާދަރީ ބަސް ނުވަތަ ދިވެހި ބަހުން ވާހަކަދައްކަން ޖެހިލުންވާ މަންޒަރު ފެންނަމުންދާތީ އެކަމާމެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ. ފޯނުން މުއާމަލާތުކުރުން އާންމުވެފައިވާ މި ޒަމާނުގައި ސީދާ މީހުންނާ ބައްދަލުވެ ވާހަކަދެއްކުމަށް ކުދިންނަށް ދަތިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ވާހަކަދެއްކުންތެރިކަމުގެ މުބާރާތްތަކަކީ ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށް، ގިނަ މީހުންގެ ކުރިމަތީގައި ބަސްބުނަން ކެރޭނެ މަގުފަހިކޮށްދޭ މުހިންމު ފުރުސަތެއް ކަމަށެވެ.
މުއާމަލާތުކުރުމުގެ ހުނަރަކީ ވަޒީފާގެ މާހައުލުގައިވެސް ކުރިއަށްދިއުމަށް އެންމެ ބޭނުންތެރި އެއް ހުނަރުކަން ފާހަގަކުރައްވައި، އެ ހުނަރު ހުންނަ ކުދިންނަށް ކޮންމެ ދާއިރާއަކުންވެސް ބޮޑެތި ކާމިޔާބީތައް ހޯދަން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދަރިވަރުންގެ އަޑަކީ މުސްތަގުބަލުގެ މުޖުތަމައު ބައްޓަންކުރާނެ އަޑުކަމަށްވާތީ، ދުލުން ނެރޭ ބަސްތަކަކީ އަޚުލާގީ މިންގަނޑަށް ފެތޭ، އިލްމީ ބަސްތަކަކަށް ހެދުމަށް އަޒުމު އާކުރުމަށް ދަރިވަރުންނަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.




