މިދިޔަ މަހުގެ ފަހުކޮޅު ހިމަބިހި (މީސްލްސް) ޖެހޭ މީހުންގެ އަދަދު މަދުވި ނަމަވެސް، ވޭތުވެދިޔަ ހަފުތާގައި އަނެއްކާވެސް ބަލިޖެހޭ މީހުންގެ ނަންބަރުތައް ވަނީ އިތުރުވާން ފަށައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ މަހުގެ ފަހު ހަފުތާގައި 13 މީހުން ޕޮޒިޓިވްވި ނަމަވެސް، މިދިޔަ ހަފުތާގައި އިތުރު 17 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 216 އަށް އަރާފައެވެ.
އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި، މި ބަލިން ރައްކާތެރިވުމަށްޓަކައި މިހާތަނަށް 14،701 މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ގައިންގަޔަށް ފަސޭހައިން ފެތުރޭ މި ބަލިން ރައްކާތެރިވުމަށް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވިފައިވާކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން، ކަނޑައެޅިފައިވާ ސެންޓަރުތަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ބަލިޖެހިފައިވާ މީހަކާ ދިމާވެފައިވާ (ކޮންޓެކްޓްވެފައިވާ) ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލާއި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުގެ އިތުރުން، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން ހިމަބިހި އެންމެ ބޮޑަށް ފެތުރުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާއިރު، މިދިޔަ މަހުގެ 13 ގައި ވަނީ މި ބައްޔަށް ފަރުވާ ހޯދަމުންދިޔަ ދިވެހި ޒުވާނަކު މަރުވެސްވެފައެވެ.
"މީސްލްސް ވައިރަސް" އިން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ.




