އަރިއަތޮޅު ދެކުނު އޮމަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގައި ކުއޭ ވޯލް ބްލޮކް ހަރުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ.
ސަރުކާރުން 10.08 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 15 އޮގަސްޓް 2023 ގައެވެ. މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ، ކުއޭ ވޯލް ބްލޮކް ހަރުކުރުމުގެ އިތުރުން ބޭރުތޮށީގައި ރިވެޓްމެންޓް ޖެހުމާއި، ފަޅު ފުންކުރުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢުގެ މުޅި އަމާޒަކީ އޮމަދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، މަޝްރޫޢުގެ ދަށުން 18،976.25 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ނަރިޝްކުރުމުގެ (ވެލިއެޅުމުގެ) މަސައްކަތާއި، 214 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.



