ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 10 އާއި 12 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ރިސޯޓް ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގަމުންދާ ކަމަށް ލިއޯ ކުންފުނީގެ ވެރިޔާ އަބްދުﷲ ސަވާދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބޭއްވި "އިގްތިސާދުގެ ދެފަރާތް" ޕެނަލް ޑިސްކަޝަންގައި ވާހަކަައްކަވަމުން ސަވާދު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުތަކުގެ ބޮޑުމިނަށް ބަލާއިރު ބޭރުގެ އެންމެ ޕްރޮޖެކްޓް މެނޭޖުމަންޓް ކުންފުންޏަކުންވެސް އަށް ބިލިއަން ޑޮލަރުގެ މަސައްކަތްތައް ބަލަހައްޓަމުންދެއެވެ. އަދި އަމަލީގޮތުން މިފަދަ ބިޔަ މަޝްރޫއުތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާތީ، ފަޅުތަކާއި ކަނޑުގެ ބައިތައް ހިއްކައިގެން ހިމާޔަތްކުރުމަށް ބޮޑެތި ހިލަ ބޭނުންވާ ގުޅޭ މައުލޫމާތުތައް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ގަލްފު ހަނގުރާމައާ ގުޅިގެން ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ސާމާނުގެ އަގުތައް މުޅި ދުނިޔޭގައިވެސް އުފުލިފައިވާކަން ސަވާދު ފާހަގަކުރެއްވިއެވެ. އެގޮތުން ތެލުގެ އަގާއި، ފްރެއިޓް އަދި ޗާޓާ ފީގެ އިތުރުން ރޯ މެޓީރިއަލްސްގެ ރޭޓްތައް ބޮޑުތަނުން މައްޗަށް ގޮސްފައިވާއިރު، ބައެއް ގައުމުތަކުން ތަކެތި އެކްސްޕޯޓްކުރުންވެސް ވަނީ ހުއްޓާލާފައެވެ. މީގެ ކުރިން 14 ރުފިޔާއަށް ހުރި ބައެއް ހިދުމަތްތަކާއި ތަކެތީގެ އަގު މިހާރު 28 ރުފިޔާއަށް އުފުލި، ޝިޕިން ހަރަދު 30 އިންސައްތަ އަދި ލޮޖިސްޓިކްސް ހަރަދު 40 އިންސައްތައަށް އިތުރުވެފައިވާކަން އޭނާ ހާމަކުރެއްވިއެވެ.
މި ބޮޑެތި މަޝްރޫއުތަކާއި ހަރަދުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގައި ބޭރު ފައިސާއަށް އޮތް ޑިމާންޑް އިންތިހާއަށް އިތުރުވެގެން ގޮސްފައިވާކަމަށް ސަވާދު ވިދާޅުވިއެވެ. އަދި ލޮޖިސްޓިކްސް އާއި ޝިޕިން ހަރަދުތައް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން، އެވްރެޖްކޮށް 35 އާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ޑޮލަރުގެ އަގުތައް އުފުލިގެން ގޮސްފައިވާކަން އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



