ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ދެ އަހަރު ދުވަހުގެ ޑިޖިޓަލް ޓްރާންސްފޯމަޝަން ސިޔާސަތު، "ޕީޖީއޯ 2.0" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކޮށްދެއްވައިފައެވެ.
މި މަޝްރޫޢަކީ ޒަމާނުއްސުރެ ކާރުދާހުގައި ކުރަމުން އައި މަސައްކަތްތައް އެއްކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކޮށް، ރައްޔިތުންނަށް އެއްތަނަކުން ފަސޭހަކަމާއެކު ދެފުއްފެންނަ ހަރުދަނާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހިންގާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މައްސަލަތައް ދިރާސާކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެ، އިދާރީ މަސައްކަތްތައް ހަލުވިވެ، ހެކި ވަޒަންކުރުމާއި ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ޕްރޮސެކިއުޓަރުން ހޭދަކުރާ ވަގުތު ސަލާމަތްވެގެންދާނެއެވެ. ނަމަވެސް، މަސައްކަތުގައި އޭއައި ބޭނުންކުރި ކަމުގައިވީ ނަމަވެސް އެންމެ ފަހުގެ ނިންމުންތައް ނިންމާނީ އިންސާނުންކަމަށް ޕީޖީ އޮފީހުން ފާހަގަކުރެއެވެ.
މި ރަސްމިއްޔާތުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން މުހިންމު އިތުރު ވަސީލަތްތަކެއްވެސް ވަނީ އިފްތިތާޙުކޮށްފައެވެ. އެގޮތުން ހެއްކާ ބެހޭ ޤާނޫނުގެ މައްޗަށް ޕީޖީ އޮފީހުގެ އެކަޑަމީން ތައްޔާރުކުރި "އެވިޑެންސް އަ ޕްރެކްޓިޝަނަރ ގައިޑް" ފޮތް އުއްތަމަ ފަނޑިޔާރު އަބްދުލް ޢަނީ މުހައްމަދު އިފްތިތާޙުކޮށްދެއްވިިއިރު، އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މީގެއިތުރުން، ކައުންޓަރަށް ނުގޮސް އޮންލައިންކޮށް ޚިދުމަތް ހޯދޭނެ "ވާޗުއަލް ދޮރޯށި" ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އިފްތިތާޙުކޮށްދެއްވާފައިވާއިރު، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ބޭނުންކުރާ ހުރިހާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުޞޫލުތައް އަދި ކޯޓު ނިންމުންތަކުގެ އިނގިރޭސި ތަރުޖަމާއާއެކު އެއްތަނަކުން ލިބޭ "ލެތުން" މޯބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ބަންޑާރަނައިބު އަޙްމަދު އުޝާމެވެ.



