މަރުގެ ހުކުމް ތަންފީޒުކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ސަރުކާރުން ތަންފީޒުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މަރުގެ ޙުކުމް ތަންފީޒުކުރުމަށްޓަކައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށް ބޭނުންވާ ޚާއްސަ ޤާނޫނެއް ފަރުމާކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ އިތުރުން، ތަންފީޒީ މަރުހަލާއަށް ވާންޖެހޭ އަމަލީ ތައްޔާރީތައްވެސް ވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވަނީ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި އެފަދަ ކަމެއްގައި ދޫދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް އިޚްތިޔާރެއް ނޫން ކަމަށެވެ. މީގެއިތުރުން، ރައީސް މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިފަހުން ވަނީ ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ ބާވަތާއި އަދަދަށް ބަލައި، މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައިވެސް މަރުގެ އަދަބު ކަނޑައެޅޭނެ ގޮތަށް ޤާނޫނުގައި ހިމަނައިފައެވެ.




