މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ށ. މާއުނގޫދޫ ކޯޓުން މީހަކު އުމުރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފިއެވެ.
ހޯމަ ދުވަހު އެ ރަށު މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ ށ. މާއުނގޫދޫ، ފެހިވިލާގޭ މުހައްމަދު ފާރިގުގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން (ހެރޮއިން) ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައަކީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، މުހައްމަދު ފާރިގު މާއުނގޫދޫގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، އެގޭގެ ދެ ސަރަހައްދަކުން މަސްތުވާތަކެތި ފެނިފައިވާކަން ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި މެޖިސްޓްރޭޓް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ޝަރީއަތުގެ މަރުހަލާގައި ފާރިގު ވަނީ އޭނާގެ މައްޗަށް ކުރި ޓްރެފިކްކުރުމުގެ ދައުވާއަށް އެއްކޮށް އިންކާރުކޮށްފައެވެ.
އޭނާ ދައުވާއަށް އިންކާރު ކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ކިތާބީ އަދި ޝަފަހީ ހެކިތަކުން ކުށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ފާރިގުގެ ބޭންކް އެކައުންޓްގެ ތަފްސީލްތައް ހިމެނޭއިރު، ކުރު މުއްދަތެއްގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާވެ، ގިނަ އަދަދެއްގެ ފައިސާ ދައުރުވެފައިވާކަން ރިޕޯޓުން އެނގެން އޮވެއެވެ. މި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ވަނީ ފާރިގު އުމުރަށް ޖަލަށްލުމުގެ އިތުރުން، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.




