ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދަނީ ބައެއް ނޫސްތަކުން ބާޒާރު މެނިޕިއުލޭޓްކޮށް، އާންމުންގެ މެދުގައި ނުތަނަވަސްކަން ނުވަތަ "ޕެނިކް" އުފެއްދުމަށް ފަތުރާ ފޭކު ހަބަރުތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބޭއްވި "އިގްތިސޯދުގެ ދެ ފަރާތް" ޕެނަލް މަޝްވަރާގައި ސައީދު ވިދާޅުވީ، ސިޔާސީ ބޭނުމެއްގައި ފޭކު ހަބަރު ފަތުރައިގެން ކުޑަކުޑަ އިގްތިސާދެއް މެނިޕިއުލޭޓް ކުރުމުން އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ރަސްމީ އެކްސްޗޭންޖު ރޭޓަކީ 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ކަޅުބާޒާރުގައާއި މަނީ އެކްސްޗޭންޖުތަކުގައި ޑޮލަރެއްގެ އަގު އުޅެނީ 22 ރުފިޔާއިން މަތީގައެވެ.
ޑޮލަރުގެ އަގު އުފުލުން ކޮންޓްރޯލްކުރުމަށްޓަކައި އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު ކުޑަކުރުމަށް އެމްއެމްއޭއިން ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ. އެގޮތުން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒާވް ރިކުއަޔަމެންޓް (އެމްއާރުއާރު) އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން 10.5 އިންސައްތައިން 11.0 އިންސައްތައަށް ބޮޑުކުރުމާއި، 2027 ގެ ނިޔަލަށް މަރުހަލާތަކަކަށް ބަހާލައިގެން އެމްއާރުއާރު 13 އިންސައްތައަށް މަތިކުރުން ހިމެނެއެވެ. މީގެއިތުރުން، ބާޒާރުގައި ދައުރުވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ނެގުމަށް ހިންގާ އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ގެ ރޭޓު 10 ބޭސިސް ޕޮއިންޓަށް މައްޗަށް ޖައްސައި، އެ އޮޕަރޭޝަންތައް ފުޅާކުރުމަށްވެސް އެމްއެމްއޭއިން ވަނީ ނިންމައިފައެވެ.




