ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
ޚާއްޞަކޮށް މިއަދާއި މާދަމާ ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހެނދުނު 5:30 އިން ފެށިގެން ހެނދުނު 11:00 އާ ހަމައަށް ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން، ކުރިއާލާ މޫސުމަށ ބެލުމަށްފަހުގައި ނޫނީ ދަތުރު ނުފެށުމަށް މެޓް އޮފީހުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ ހަނދާންކޮށްދީފައެވެ.
Alert White for heavy rain, thunderstorms and strong winds of 19 - 24 mph with gusts of 40 mph and rough seas. pic.twitter.com/SkEyffgBX8
— Maldives Meteorology (@MetMaldives) August 11, 2026
މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް ގަޑިތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް ވަރަށް ބޮޑަށް ގަދަވެގެންދާނެއެވެ. މި ދުވަސްވަރު ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ގަދަވެ، މުޅި ރާއްޖޭގެ މޫސުންވެސް ނުސްތިރުވެފައިވާ ދުވަސްވަރެކެވެ. ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހި، ވައިގަދަވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ޙާދިސާތައް ހިނގަމުންދާއިރު، ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތައްވެސް ދަނީ ރިޕޯޓްކުރެވެމުންނެވެ.
އެހެންކަމުން، ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުންނާއި، މުދާ އުފުލާ އުޅަނދުތަކުން ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ޗެކްކުރުމަށާއި، މޫސުމީ އެލާޓްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ސަލާމަތީ ބާރުތަކުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.




