ގދ. ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ "އާބާދީ 60" ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް އެ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، މި މުނާސަބަތަށް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވާފައިވާ ކަމަށާއި، ނަޝީދާއި ޔާމީން ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮޕަރޭޝަނެއް ކުރައްވާފައިވާތީ މި ހަރަކާތުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
ދެކުނުގެ ތިން އަތޮޅުން އުފެއްދި "ސުވަދީބު ހަރަކާތް" ކޮންޓްރޯލްކުރުމަށްޓަކައި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަމުރަށް ތިނަދޫއިން މީހުން ބާލުވައި އެ ރަށުގެ އާބާދީ ހުސްކޮށްލީ 4 ފެބްރުއަރީ 1962 ގައެވެ. އޭގެ ހަތަރު އަހަރު ފަހުން، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި މީހުން އާބާދުވާން ފެށީ 22 އޮގަސްޓު 1966 ގައެވެ. ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުމުގެ އިހުތިފާލުތަކަށް 2016 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަށްވެސް އޭރުގެ ރައީސް އަބްދުﷲ ޔާމީން ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ. ސިޓީ ކައުންސިލުން ވަނީ މި އަހަރުގެ 60 އަހަރުގެ މުނާސަބަތު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވައިފައެވެ.



