މާލޭގެ މަސް މާރުކޭޓު ތަރައްގީކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ނިންމުމަށްފަހު މާލެ ސިޓީ ކައުންސިލާ އަލުން ހަވާލުކުރާ ގޮތަށް އެ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
ކުއްލި ޖަލްސާއެއްގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވޯޓު ދެއްވައިގެން ފާސްކުރި މި ގަރާރުގައިވާ ގޮތުން، މަސައްކަތް ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ ތަން ކައުންސިލާ ހަވާލުކުރަންޖެހޭނެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމުގެ އިތުރުން، އެ ސަރަހައްދުގައި ތިބި ވިޔަފާރިވެރިންނަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށް ވަނީ ޝަރުތުކޮށްފައެވެ. މީގެއިތުރުން ހައުސިން މިނިސްޓްރީން ސިޓީއަކުން އެދިފައިވާ މައުލޫމާތުތައް ނުދީފިނަމަ ބިން ހަވާލުނުކުރުމަށްވެސް ކައުންސިލުން ވަނީ ނިންމައިފައެވެ.
މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ މިހާރުގެ މަސް މާރުކޭޓަކީ ރައްކާތެރި އަދި އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެ ތަން އަވަހަށް ހަދަން ބޭނުންވި ނަމަވެސް މަސައްކަތް ލަސްވަނީ ކަންކަން "އޮޅުންބޮޅުންވެފައި" އޮތުމުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މޭޔަރަކަށް ހުންނެވި ދުވަސްވަރު 6.1 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކުރި މި މަޝްރޫޢު، ފަހުން ވަނީ އެ އެއްބަސްވުން އުވާލައި މުޅިން އެހެން ކުންފުންޏަކާ ހަވާލުކޮށްފައެވެ. ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ ޢަލީ ނަސީރު ޤާސިމް ސޮއިކުރެއްވި އެ އައު އެއްބަސްވުމާއެކު މަޝްރޫޢުގެ އަގު ވަނީ 3.5 މިލިއަން ޑޮލަރު އިތުރުވެ، 9.5 މިލިއަން ޑޮލަރަށް މައްޗަށް ގޮސްފައެވެ.




