ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، އައްޑޫ ސިޓީ މީދޫ، ޢަބްދުލްވައްހާބު އަޙްމަދު (59އ) 25 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
ޢަބްދުލްވައްހާބު ޑައިމޯފިން ޓްރެފިކް ކުރި މައްސަލަ ފުލުހުންގެ އިދާރާއަށް ފުރަތަމަ ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ ތަހުގީގު ފުލުހުން ފުރިހަމައަށް ނިންމުމަށްފަހު، އޭނާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.




