ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަހަރުވެސް ހއ. އުތީމުގައި ގިނަ ހަރަކާތްތަކެއް ކުލަގަދަކޮށް ކުރިއަށްގެންދިއުމުގެ ތައްޔާރީތައް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި އުތީމު ކައުންސިލު ގުޅިގެން ފަށައިފިއެވެ.
ޖެހިޖެހިގެން ދެ އަހަރު އުތީމުގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށް ވާއިރު، މި އަހަރުގެ ޤައުމީ ދުވަސް ދިމާވަނީ އޮގަސްޓް 14 ވާ ހުކުރު ދުވަހަށެވެ.
މި ހަރަކާތްތަކުގެ ތައްޔާރީތައް ބައްލަވާލެއްވުމަށްޓަކައި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިހާރު ވަނީ އުތީމަށް ވަޑައިގެންފައެވެ. ދުވަހާ ދިމާކޮށް ރަށުގެ ރައްޔިތުން ގުޅިގެން ވަރަށް ފޯރިއާއެކު ރަށް ސާފުކުރުމާއި، ބޮޑުތަކުރުފާނުގެ ދޮރޯށި ބިނާކުރުމާއި، ކަނދުވަލު މިސްކިތް މަރާމާތުކުރުމުގެ އިތުރުން "ވާހަކަވައު" ސަރަޙައްދު ތަރައްޤީކުރުމުގެ ޢުމްރާނީ މަސައްކަތްތައް ދަނީ ނިންމަމުންނެވެ.
މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ރަސްމީ ޖަލްސާގެ އިތުރުން އަލަށް ބިނާކުރި ބޮޑުތަކުރުފާނު ދޮރޯށި، "ވާހަކަ ވައު" ސަރަޙައްދު އަދި އާ ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވުން ހިމެނެއެވެ.
މީގެ އިތުރުން އިޢްޒަތްތެރިންނަށް އަރުވާ ޚާއްސަ ޖާފަތަކާއި، އިސްރަށްވެހިންނާއި ކުޑަކުދިންގެ ހަވީރަކާއި، އެމްއެންޑީއެފް ބޭންޑްގެ ހުށަހެޅުންތަކެއްވެސް ކުރިއަށްދާނެއެވެ. އަދި އަތޮޅުގެ އެހެން ރަށްތައް ބައިވެރިވާ ސަޤާފީ ކުޅިވަރުތަކެއް ރޭވިފައިވާއިރު، ޤައުމީ ދުވަހުގެ ބައެއް ހަރަކާތްތައް ހއ. ބާރަށާއި ތަކަންދޫގައިވެސް ކުރިއަށްދާނެއެވެ.



