ބ. ކިހާދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށްޓަކައި އަޅާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަތް މަސްދުވަހުގެ ތެރޭގައި ނިންމައި، އަންނަ އަހަރު ބޭނުންކުރަން ފެށޭނެ ކަމަށް ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްދާ މި މަޝްރޫއުގެ ކޮންޓްރެކްޓަރު މިހާރު ވަނީ މަސައްކަތަށް ބޭނުންވާ މީހުންނާއި ތަކެތި ރަށަށް ފޮނުވާފައި ކަމަށެވެ. އަދި އައު އިމާރާތުގެ މަސައްކަތާއެކު، އެ މަރުކަޒުން މިހާރު ދެމުންދާ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިވަގުތު 16 މުވައްޒަފުންނާއެކު ހިދުމަތްދޭ އެ މަރުކަޒުގައި، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޕޮއިންޓް އޮފް ކެއާގެ ދަށުން އާއްމު ބަލިތަކަށް ބޭނުންވާ 13 ވައްތަރެއްގެ ޓެސްޓު ހެދޭނެ އިންތިޒާމު ގާއިމުކޮށްފައިވާކަން ވަޒީރު ވިދާޅުވިއެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އެ ރަށުގައި ކޮށްދީފައިވާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ އާބާދީ ކުޑަ ރަށްރަށުގައިވެސް ލެބޯޓަރީ ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، ކިހާދޫ ލެބޯޓަރީއަށް ބޭނުންވާ މުވައްޒަފުން މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ނިމުނު އަހަރު އެ ރަށަށް އެމްބިއުލާންސެއް ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި އިމާރާތްތަކެއް އެޅުން ނޫން ކަމަށާއި، ބޭނުންވަނީ ކޮންމެ ރައްޔިތަކަށްމެ ގާތުން ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ ނިޒާމެއް ހަމަޖެއްސުން ކަމަށެވެ.



