ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މިއަދު މެންދުރުފަހު 14:00 ގެ ނިޔަލަށް ނެރުނު މި ސަމާލުގައި ހިމެނެނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި، މި މުއްދަތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވެއެވެ.
ވައި ޖެހޭ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ވައިޖެހޭނެ ކަމަށާއި، އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މުޅި ރާއްޖެއަށްވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.



