މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، 'މާލެ ޓެކްސީ ލައިން' (އެމްޓީއެލް) އެޕްލިކޭޝަނަށް އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ ހަރަކާތެއް ވިލިމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގެ ތެރެއިން އެމްޓީއެލްގެ ޓީމުން ވަނީ ވިލިމާލޭގެ ގިނަ އަދަދެއްގެ އާންމުންނާ ބައްދަލުކޮށް، އެމްޓީއެލް މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތާއި އޭގެއިން ލިބިގެންދާނެ މުހިންމު ފަސޭހަތަކާ ބެހޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައެވެ.

މި ހޭލުންތެރިކުރުމުގެ ސެޝަންގައި، އެމްޓީއެލް އެޕް މެދުވެރިކޮށް ދަތުރުވެރިންނަށް ލިބޭނެ މުހިންމު ފީޗަރުތަކަށް އަލިއަޅުވާލާފައިވެއެވެ. އެގޮތުން، ތަނުގައި ހުރެގެން ވަގުތުން ޓެކްސީއަކަށް އެދުމުގެ އިތުރުން، ކުރިއާލައި ދަތުރުތައް ތާވަލުކުރުމުގެ (ޝެޑިއުލް ބުކިންގް) ފުރުސަތު އެޕުން ލިބިގެންދެއެވެ. އަދި އަތުން ނަގުދު ފައިސާ ދެއްކުމުގެ ބަދަލުގައި، އެޕް މެދުވެރިކޮށް ކާޑުންނާއި އޮންލައިންކޮށް ފަސޭހަކަމާއެކު "ކޭޝްލެސް"ކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އާންމުންނަށް ވަނީ ބުނެދީފައެވެ. މީގެ އިތުރުން، ދަތުރުގެ މަގު ލައިވްކޮށް ބަލާލުމާއި، ޑްރައިވަރުގެ މައުލޫމާތު ކުރިއާލައި އެނގުން ފަދަ ރައްކާތެރިކަމުގެ ގިނަ ފީޗަރުތަކެއް މި އެޕްގައި ހިމެނެއެވެ.
ވިލިމާލެއަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތައް ބޭނުންކުރާ ރަށަކަށްވާއިރު، މާލެ ޓެކްސީ ލައިންގެ ހިދުމަތް އެ ރަށުގައި ފެށުމާއެކު އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބެންފަށާފައެވެ.

އެމްޓީސީސީން ހިންގާ މާލެ ޓެކްސީ ލައިންގެ ހިދުމަތް ވިލިމާލޭގައި ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބޭއްވި މި ހަރަކާތަކީ، އާންމުން ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުވައި، ދަތުރުފަތުރުގެ ހިދުމަތް އިތުރަށް އަވަސް އަދި އިތުބާރު ހުރި ހިދުމަތަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.



