ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލަ ކުރިމަތިވެފައިވާ ރަށްތަކުން އެކަމަށް ބޭނުންވާ ޕެސްޓްސައިޑް ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރުއްތަކަށް ޖެހެމުންދާ ބަލިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ޚާއްސަ އިސްކަމެއް ދީގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ޕެސްޓްސައިޑް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް މިހާރު ވަނީ ސިޓީ ފޮނުވާފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބަޔާންކުރި ގޮތުގައި، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށް އެ ތަނުން ތަކެތި ކަލެކްޓް ކުރެވޭނެއެވެ. އަދި ބާކީ ހުރި އަތޮޅުތަކުގެ ރަށްތަކަށް ބޭނުންވާ ޕެސްޓްސައިޑް ދަނޑުވެރިކަމާ ބެހޭ ވުޒާރާ މެދުވެރިކޮށް ދޫކުރުމުގެ ކަންކަން ވަނީ ހަމަޖެހިފައެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހއ. އަދި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ބައެއް ރަށްރަށުގެ ކައުންސިލްތަކާ އަމަލީގޮތުން ބައްދަލުކުރައްވައި ޕެސްޓްސައިޑް ހަވާލުކުރައްވާފައެވެ. އަދި ދަނޑުވެރިކަން ކުރާ ރަށްތަކުގެ ކައުންސިލްތަކާއެކު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ކޮކޮނަޓް ހިސްޕިން ބީޓްލް ނުވަތަ ކުދި ރުކުމަޑިއަކީ ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް، ރުއްތައް ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާ ސޫފިއެކެވެ. ދިވެހިރާއްޖެއިން އެންމެ ފުރަތަމަ މި ބާވަތުގެ ރުކުމަޑި ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ކުރެވުނު ދިރާސާތަކުން ވަނީ، ގުދުރަތީ ގޮތުން ރުކުމަޑި ނައްތާލުމަށް ބޭނުންކުރެވިދާނެ ސޫފިއެއް (ޕެރަސައިޓޮއިޑް) ހޯދާފައެވެ.
މި ސޫފި އާލާކޮށް ބަލިޖެހިފައިވާ ސަރަހައްދުތަކަށް ދޫކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 'ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރ' އިމާރާތްކޮށް، އެތަނުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ގާއިމުކުރެވުނު މި ސެންޓަރަކީ ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކުރުމެވެ.




