ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ތިން މީހުންގެ ތެރެއިން ދިވެހި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ކޯޓުން ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފައިވަނީ ލ. ކަލައިދޫ، ހިޔާވަހި، އުމުރުން 27 އަހަރުގެ ޢަބްދުﷲ ރާއިފެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެ ފިޔަވަޅު އެޅީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވުމުންނެވެ.
މި މައްސަލައަކީ މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހު ރާއްޖެ އައި ފުލައިޓަކުން އެތެރެކުރި 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް އިތުރު 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލާގައި ރާއިފްގެ އިތުރުން ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހެއްކަމަށްވާ އުމުރުން 43 އަހަރުގެ އެމް ޑީ ޖޯޝިމް އުއްޑިންއާއި 32 އަހަރުގެ މަމުން ދަލި ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދަށް އެންމެ ފަހުން ޖެހި 15 ދުވަހުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




