މާލޭގެ އާންމު މައްސަލަތައް ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހަފުތާއެއްގެ ތެރޭގައި އެންމެ ގިނައިން ބަލާފައިވަނީ އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަތައް ކަމަށް އެ ކައުންސިލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސިޓީ ކައުންސިލުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 26 އިން ފެށިގެން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެ ޔުނިޓުން ޖުމްލަ 321 މައްސަލައެއް ބަލާފައިވެއެވެ. އޭގެ ތެރެއިން 96 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 225 މައްސަލައެއް އިތުރަށް ތަހުގީގު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން 8 ފަރާތަކަށް ނަސޭހަތްދީ، 5 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.
ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތްތައް pic.twitter.com/918W6Yjith
— Malé City Council (@MaleCitymv) August 9, 2026
އެ ޔުނިޓުން ބެލި މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، މަގުތަކާއި ފަޅުތެރެ ހިމެނޭގޮތަށް އާންމު ތަންތަނަށް ކުނި އެޅުމުގެ 256 މައްސަލައެއް ވަނީ ރެކޯޑު ކުރެވިފައެވެ. މީގެ އިތުރުން ފުރާޅުތަކާއި އޭސީ އައުޓްޑޯ ޔުނިޓުތަކުން މަގުމައްޗަށް ފެން ފޭބުމުގެ 15 މައްސަލައަކާއި، ޓްރެފިކް ލައިޓްތަކާއި މަގުމަތީގެ ބޯޑުތައް ހަލާކުވުމުގެ 15 މައްސަލައެއްގެ އިތުރުން، ޕޭމަންޓްތަކާއި މަގުގެ ގައުތައް ނެއްޓުމުގެ 12 މައްސަލައެއް ބަލާފައިވެއެވެ. ހަމައެހެންމެ، ގަވާއިދާ ޚިލާފަށް މަގުމަތީގައި ވިޔަފާރިކުރުމުގެ 11 މައްސަލައަކާއި، މިސްކިތްތަކާއި ޕާކުތަކުގައި ނިދުމުގެ 3 މައްސަލައެއް ފާހަގަވެގެން އެ ޔުނިޓުން ވަނީ ފިޔަވަޅު އަޅާފައެވެ.

މާލެއަކީ ސާފުތާހިރު އަދި ތަރުތީބު ސިޓީއަކަށް ހެދުމުގެ މަގްސަދުގައި 14 މޭ 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އުފެއްދެވި މި ޔުނިޓަކީ 78 މުވައްޒަފުންނާއެކު ހަރަކާތްތެރިވާ ޔުނިޓެކެވެ.
މަގުމަތީގައި ކުނި ބެހެއްޓުމާއި، ގަވާއިދާ ޚިލާފަށް ޕެލެޓާއި މުދާ ބެހެއްޓުން ހުއްޓުވުމުގެ އިތުރުން، ޕާކިންގް މައްސަލަތަކާއި މަގުތައް ތޮއްޖެހުން ކުޑަކުރުމަކީ މި ޔުނިޓުގެ މައިގަނޑު ޒިންމާތަކެވެ. މާލޭގައި ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާތީ، ކައުންސިލުން ދަނީ ކުނި އަޅާ މީހުންގެ ވީޑިއޯ އާންމުކޮށް، ފިޔަވަޅު އަޅަމުންނެވެ.




