އިސްލާމްއާބާދުގައި ވެވުނު ފަހުމުނާމާ (އެމްއޯޔޫ) އާ އެމެރިކާއިން ހިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމާއި އިތުރު ޝަރުތުތަކެއް ފުރިހަމަކޮށްގެން ނޫނީ ހޯރްމުޒް ކަނޑުއޮޅި އެކީއެކަށް ނުހުޅުވާލެވޭނެ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.
އީރާނާއި އޯމާނާ ދެމެދު ކަނޑުގެ ދަތުރުފަތުރުގެ އާ މަގެއް ކަނޑައެޅުމާ މެދު ކުރެވޭ މަޝްވަރާތައް އެއްބަސްވުމަކާ ވަރަށް ކައިރިވެފައިވާ ކަން ހާމަކުރައްވަމުން އަރަގްޗީ ވިދާޅުވީ، އޯމާނާއެކު ވެވޭ އެއްބަސްވުމަކީ ސީދާ ކަނޑުއޮޅި އާންމުކޮށް ހުޅުވާލުން ނޫން ކަމަށާއި، ކަނޑުއޮޅި އެކީ ހުޅުވާލުން ގުޅިފައިވަނީ އެމެރިކާއިން އީރާނުގެ ޝަރުތުތަކަށް އަމަލުކުރުމާއެކު ކަމަށެވެ.
އަރަގްޗީ ތުހުމަތު ކުރެއްވި ގޮތުގައި، އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން ކަނޑުއޮޅީގެ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ ބާރު އީރާނަށް ލިބިފައިވަނިކޮށް، އެމެރިކާއިން ވަނީ އެއްބަސްވުމާ ހިލާފަށް ދެކުނުގެ އެހެން ކޯރިޑޯއެއް އުފައްދައި، އީރާނުން ކަނޑައެޅި ރައްކާތެރި މަގުން އުޅަނދުފަހަރު ދަތުރުކުރުމަށް ހުރަސްއަޅާފައެވެ. އަދި އެމެރިކާއިން މަސައްކަތްކުރީ އީރާނުގެ ސިޔާދަތީ ބާރު ކުޑަކޮށް، ސަރަހައްދީ މަޝްރަހު ނުތަނަވަސްކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކަކީ ވަގުތީ ދަތުރުފަތުރުގެ މަގެއް ކަނޑައެޅުމުގެ މަޝްވަރާތަކެއް ކަމަށާއި، ދާއިމީ ހައްލަކަށް ދެވޭނީ ފަންނީ އަދި ގާނޫނީ މައްސަލަތައް ހައްލުކުރެވިގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ކަމާ ގުޅިގެން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިންވެސް ވަނީ ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ މެކޭނިޒަމަކީ އޯމާނާއެކު ކުރެވޭ މަޝްވަރާތަކާ ސީދާ ގުޅުންހުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެމެރިކާއިން އީރާނުގެ ޝަރުތުތައް ގަބޫލުކޮށް، ސަރަހައްދީ މަޝްވަރާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމުން ނޫނީ ކަނޑުއޮޅި ނުހުޅުވޭނެ ކަމަށް އައިއާރުޖީސީގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން ވަނީ އީރާނާއި އޯމާނާ ދެމެދު އެއްބަސްވުމަކަށް އާދެވި، ވިޔަފާރި އުޅަނދުފަހަރަށް ދަތުރުކުރެވޭނެ މަގު ތަނަވަސްވުމުން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް އުވާލާނެ ކަމަށް ބުނެފައެވެ




