އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލާނެ ތާރީޚެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮތީ އޭނާގެ އަމިއްލަ އަތްމަތީގައި ކަމަށް އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލޯޑިއޯ ތާޕިއާ ވިދާޅުވެއްޖެއެވެ.
އާޖެންޓީނާއަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި މެސީ ގައުމީ ޓީމުން މޫނު އަނބުރާލާނެ ދުވަހަކާމެދު ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތާޕިއާ ވިދާޅުވީ، މެސީއަކީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައިވެސް އެންމެ ބޮޑު ޚިދުމަތެއް ކޮށްދީފައިވާ ކުޅުންތެރިޔާ ކަމަށްވުމުން، އޭނާގެ މުސްތަގުބަލާމެދު އަމިއްލައަށް ގޮތް ނިންމުމުގެ ހައްގު ފުރިހަމައަށް ލިބިގެންވާ ކަމަށެވެ.
ތާޕިއާ އިތުރަށް ވިދާޅުވީ، މެސީ ކުޅުން ހުއްޓާލަން ނިންމާ ކޮންމެ ވަގުތެއްގައިވެސް އޭއެފްއޭގެ އިތުރުން މުޅި ގައުމުގެ ސަޕޯޓަރުން އޭނާގެ ނިންމުމަށް ފުރިހަމައަށް އިޙްތިރާމް ކުރާނެ ކަމަށެވެ. މެސީއަކީ ހަމައެކަނި މައިދާނުގައި މޮޅަށް ކުޅޭ ކުޅުންތެރިއެއް ނޫން ކަމަށާއި، އޭނާއަކީ މުޅި ޓީމުގެ އެއްބައިވަންތަކަމާއި ރޫހު ދަމަހައްޓައިދޭ އެންމެ މުހިންމު ލީޑަރުގެ އިތުރުން ޒުވާން ކުޅުންތެރިންނަށް ހުރި ބޮޑު ނަމޫނާއެއް ކަމަށްވެސް އޭއެފްއޭގެ ރައީސް ފާހަގަކުރެއްވިއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި މެސީ ފެނިދާނެތޯ ކުރެވުނު ސުވާލަށް އަލިއަޅުވާލައްވަމުން ތާޕިއާ ވިދާޅުވީ، މެސީގެ ފިޓްނަސް ހުރި މިންވަރަކުން އަދި އޭނާ ކުޅެން ބޭނުންވާހާ ހިނދަކު ގައުމީ ޓީމުގެ ދޮރު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށެވެ. އެމެރިކާގެ އިންޓަރ މިއާމީއަށް ކުޅެމުންދާ މެސީ އަދިވެސްDoc ހުރީ އެންމެ މަތީ ފެންވަރުގައި ކުޅެވޭފަދަ ރަނގަޅު ފޯމެއްގައި ކަމަށްވުމާއެކު، އޭނާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް މާހިރުން ދެކެއެވެ.



