"މަދިރިން ރައްކާ" ކެމްޕޭންގެ ދަށުން ހުޅުމާލޭގެ އަމާން ދޯދި ޓަވަރުތައް ކައިރި ސާފުކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހެނދުނު ވަނީ ފަށައިފައެވެ.
އެޗްޑީސީއާއި މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ދިރެކްޓަރު ޢަލީ ޒުހައިރާއި، އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މޯޕާ އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މަދިރި މަދުކުރުމަށާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން، ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމާއި ފޮގުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ.
މިއީ މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އަޝަގެންނެވުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެއިތުރުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށްވެސް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މަދިރި ކޮންޓްރޯލް ކުރުމުގެ ގިނަ ހަރަކާތްތަކެއް އެޗްޑީސީން ވަނީ ކުރިއަށްގެންގޮސްފައެވެ.




