ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އޯގާތެރިކަމާއި ރިވެތި އަޚުލާޤުގެ ސަބަބުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ވަނީ އަޅުކަންތައް އަދާކުރުމުގެ އިތުރުން މީސްތަކުންނާ މުޢާމަލާތުކުރުމުގައި ރިވެތި އަޚުލާޤު އިސްކުރުމަކީ ދީނުގެ މުހިންމު ބައެއްކަން ފާހަގަކުރައްވާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ނަމާދާއި، ރޯދައާއި، ޙައްޖާއި، ޒަކާތް ފަދަ ފަރުޟު އަޅުކަންތައް އަދާކުރުމުން އެކަނި ދީން ފުރިހަމަވީކަމަށް ދެކިގެން ނުވާނެއެވެ. ނަމަވެސް، އަހަރެމެންގެ ތެރޭގައި ފަރުޟުތަކަށް ރައްކާތެރިވުމާއެކުވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި، ދޫނުދިނުމާއި، އެހެން މީހުންގެ ކުށްތަކަށް މާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އެގޮތުން ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނަޅައިދިއުމާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި މަކަރާއި ހީލަތް ހެދުން ފަދަ ކަންކަން ފެންނަމުންދާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އޯގާތެރިކަމާއި ރިވެތި އަޚުލާޤުގެ ސަބަބުންކަން ފާހަގަކޮށް، ثُمَامَةُ بْنُ أَثَالَ رَضِيَ اللهُ عَنْهُ ގެ ޙާދިސާއަށް އިޝާރާތްކުރެއްވިއެވެ.
އެކަލޭގެފާނު މިސްކިތުގެ ތަނބެއްގައި ބަނދެވުނު ހިނދު، ކީރިތި ރަސޫލާ ﷺ އޭނާއަށް ބެހެއްޓެވި އޯގާތެރިކަމުގެ ސަބަބުން، އިސްލާމްދީނަށް ނަފުރަތުކުރި މީހަކު، އެދީނާއި ރަސޫލާ ﷺ ދެކެ އެންމެ ލޯބިވާ މީހާއަށް ބަދަލުވެގެން ދިޔައެވެ.
އިސްލާމީ އުންމަތުގެ ހުރިހާ އަފްރާދުންވެސް އެކަކު އަނެކަކަށް މަޑުމައިތިރިކަމާއެކު އޯގާތެރިވެ، އާއިލާއަށާއި ދަރިންނަށް ހެޔޮކޮށް މުޢާމަލާތުކުރުމަށް ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.




