އއ. އުކުޅަހުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެރަށުގައި މިހާރު ހިއްކާފައިވާ ބިމަށް އިތުރު ދެ ހެކްޓަރުގެ ބިން އިތުރުކޮށްދެއްވައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ.
އުކުޅަހުގައި ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުކުޅަހަކީ ފުޅާދާއިރާއެއްގައި ފަތުރުވެރިކަން ކުރާ ރަށަކަށްވުމާއެކު، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތިމާވެށީގެ ނުފޫޒު ވަޒަންކުރާ އީއައިއޭ ނިންމައި، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެ މަސައްކަތުގެ އަމަލީ އަމަލީ ފެށިގެންދާނެއެވެ.
ރައީސް އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ބޯހިޔާވަހިކަން ހައްލުކުރުމަށް އިތުރު ހައުސިންގ ޔުނިޓްތައް ގާއިމުކުރުމަށާއި، މިހާރު ހިއްކާފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީ މަގުތައް ހަދައިދިނުމަށް އެދިފައެވެ. މީގެ އިތުރުން ރަށުގެ އިންޖީނުގެ ބޮޑުކުރުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގައި ހުރި ދަތިތައްވެސް ކައުންސިލުން ހިއްސާކުރިއެވެ. ސަރުކާރުން މިހާރުވެސް ވަނީ އެރަށުގައި 50 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައެވެ.
އާބާދީގައި 1,200 އަށްވުރެ ގިނަ މީހުން ދިރިއުޅޭ އަދި 21 ހެކްޓަރުގެ ބޮޑުމިން ހުންނަ އުކުޅަހަކީ ގޯތި ދޫނުކުރާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެ، ބޯހިޔާވަހިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ. މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 2023 ވަނަ އަހަރު ވަނީ އެރަށުން 13 ހެކްޓަރުގެ ބިން ހިއްކާފައެވެ. ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދަނީ، ވެރިކަމާ ހަވާލުވިއިރު އިގްތިސާދު އޮތް އަނދަވަޅުން ނެގުމަށް ކުރެވޭ މަސައްކަތްތަކާއެކުގައެވެ.



