ދިވެހި އިންޖިނޭރުންގެ ދާއިރާއިން ޤައުމީ ތަރައްޤީއަށް ކޮށްދެމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ "އިންޖިނޭރުންގެ އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުޞަތު ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން ފާހަގަކޮށް، ޒުވާނުން މި ދާއިރާއަށް ޝައުޤުވެރިކުރުވައި ތަޢުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ މިދިޔަ އަހަރު އެވެ.
އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ އާއި އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.
އިންޖިނޭރުންގެ އެވޯޑް 10 ގިންތިއަކަށް ވަނީ ބަހާލާފައެވެ. މި އެވޯޑަށް ވަކިވަކި ފަރުދުންގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތަކާއި، ކޮންސަލްޓަންޓުންނާއި ކޮންޓްރެކްޓަރުން، އަދި ޕްރޮޖެކްޓް/ދިރާސާ ކުރާ ޓީމުތަކަށްވެސް ހުށަހެޅޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ހުށަހަޅާ އަންދާސީ ހިސާބުތަކާއި މައުލޫމާތުތައް އިވޭލުއޭޓް ކުރުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި އެކުލަވާލާ ހަތް މެންބަރުންގެ ކޮމިޓީއަކުންނެވެ.
އިންޖިނޭރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓް 20 ވަނަ ދުވަހުގެ 14:00 އެވެ. އެވޯޑުގެ އެޕްލިކޭޝަން ފޯމާއި، ބޭނުންވާ ލިޔެކިޔުންތައް
ސުންގަޑި އަދި ފޯމު ހުށަހެޅުން: awards.infrastructure.gov.mv މެދުވެރިކޮށް ހުށަހެޅޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.




