ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާއެކުވެސް، މި ދައުރުގެ ތެރޭގައި ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ދެ ބަޔަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށްދާއިރު، ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އަދި ގައުމީ އިގުތިސާދު ފުޅާކޮށް ބުންވަރު ވަރުގަދަކުރުމާއެކު، އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު މަތިކޮށް، ޒުވާނުންނާއި އަންހެނުން އިގުތިސާދީގޮތުން ބާރުވެރިކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ހުރިހާ ވައުދެއް ފުއްދައި ނިންމެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ، ބައެއް ރަށްރަށުގައި މަޝްރޫއުތައް ހުއްޓިފައިވާތީ ރައްޔިތުންނާއި މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ތަކެތީގެ އަގުބޮޑުވުމާއި މަޝްރޫއުތަކުގެ ދުވެލި މަޑުޖެހުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ފާޑުކިޔައި މުޒާހަރާއަށް ނުކުންނާނެކަން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ދުނިޔޭގެ ތަހުޒީބު ޑިމޮކްރެސީތަކުގައި ގައުމީ މުހިންމު ކަންކަމުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު އެއްގަލަކަށް އަރާ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކިބައިގައި އެއްވެސް ޒިންމާދާރުކަމެއް އަދި އިޚްލާޞްތެރިކަމެއް ނެތްކަން ފާހަގަކުރައްވައި، އިދިކޮޅުން އުފައްދާ ސިޔާސީ އޮއިވަރުތަކުގައި ނުޖެހުމަށާއި، އެފަދަ ކަންކަމުގެ ސަބަބުން ގައުމުގެ ހަމަޖެހުން ނެތިގެންގޮސްދާނެ ކަމަށް އެމަނިކުފާނު އިންޒާރު ދެއްވިއެވެ.
މިއަހަރަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި ދައްކަންޖެހުމުގެ އިތުރުން ދުނިޔޭގެ މަސްރަހުގައި ހިނގާ ހަނގުރާމަތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އަހަރެކެވެ. އެހެންނަމަވެސް، ސަރުކާރުގެ ހިކުމަތްތެރި ސިޔާސަތުތަކުގެ ދަށުން މި ގޮންޖެހުންތަކުން އަރައިގަނެ، ތަރައްގީގެ އަމާޒަށް ވާސިލުވުމުގައި ސަރުކާރުން ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.



