އެމްޑީޕީގެ ވެރިކަމުގައި ގައުމުގެ އަސާސީ އެކި ކަންކަން ހައްލުކޮށްނުދެވުނު ބަޔަކަށް ރައްޔިތުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އިދިކޮޅު އެމްޑީޕީއަށް ވަރުގަދަ ހުމަލާއެއް އަމާޒުކުރައްވައިފިއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ހުޅުމާލެ ގޮނޑުވެއްޖެ ކަމަށް ބުނެ އެމްޑީޕީން ވާހަކަދައްކާއިރު، އިމާދުއްދީން ސުކޫލު ފުރަގަހުގައި އޮތް ކުނިގޮނޑު ފުރި މުޅި މާލެ ކުނިވީއިރުވެސް އެކަން ހައްލުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންނަކީ "ގަމާރު" ބަޔަކަށް ހަދައި، މާޒީގެ ކަންކަން އޮޅުވާލަން އެމްޑީޕީން މަސައްކަތް ކުރިނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިގްތިސާދީ ހާލަތަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވެގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާއިރު، މިއަދު އިގްތިސާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެމްޑީޕީ ސަރުކާރުން ބެލުމެއްނެތި ޗާޕުކުރި އަށް ބިލިއަން ރުފިޔާ ކަމަށެވެ. އަދި ފައިސާ ޗާޕުކުރިއިރު ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނެވިކަން ފާހަގަކުރައްވައި، އޭރުވެސް އޭގެ ނުރައްކާތެރިކަން ކިޔައިދީ ރައްޔިތުންގެ ހައްގުގައި އަޑުއުފުލީ ޕީއެންސީގެ މެންބަރުން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެމްޑީޕީން މިއަދު އިގްތިސާދީ ވާހަކަތައް ދެއްކުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ފަނާކުރުމުގެ ފިކުރަށް ފުރުސަތު ނުދީ، ސިޔާސީ ހަމަޖެހުން ގާއިމުކޮށްދެއްވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ބިނާކުރުމުގެ ފިކުރަށް" ފުރުސަތު ދިނުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ރައީސް މުއިއްޒުގެ މި ދައުރު ނިމޭއިރު، ރެކޯޑު މިންވަރަކަށް ހައުސިން މަޝްރޫއުތަކާއި، ބިން ހިއްކުމާއި، އެއާޕޯޓުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމަވައި، ގައުމަށް ބޮޑު ތަރައްގީއެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.



