ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސް ބޭނުންކޮށްގެން ރާއްޖޭންނާއި ބޭރު ގައުމުތަކުން ފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ބުނެ، މެންބަރުންނަށް އިންޝުއަރެންސްގެ ޚިދުމަތްދޭ އެލައިޑް އިންޝުއަރެންސް ކުންފުނި މަޖިލީހުގެ އާންމު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެންނެވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ)އެވެ. އައިބީ ވިދާޅުވީ، ކުރިން އިންޝުއަރެންސް ދިން އަމާނާ ތަކަފުލްގެ ބަދަލުގައި އެލައިޑް އިންޝުއަރެންސަށް ބަދަލުވި ފަހުންވެސް މެންބަރުންގެ އިންޝުއަރެންސް ޚިދުމަތަށް އެއްވެސް އެދެވޭ ބަދަލެއް އައިސްފައިނުވާ ކަމަށެވެ. އަދި ރާއްޖެއާއި ބޭރު ގައުމުތަކުން ފަރުވާ ހޯއްދަވާއިރު މެންބަރުންނަށް ތަފާތު ދަތިތަކާ ކުރިމަތިލާންޖެހޭތީ އެކަމަށް ހައްލެއް ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު މައުލޫމާތު ދެއްވި ގޮތުގައި، މެންބަރުންގެ އިންޝުއަރެންސް ދޭނެ ބަޔަކު އަބަދުވެސް ކަނޑައަޅަނީ އޯޕަން ބިޑަކަށް ހުޅުވާލައިގެން އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި އަބަދުވެސް މި ބިޑުގައި ބައިވެރިވަނީ އެލައިޑާއި އަމާނާ ތަކަފުލް އެކަނިކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މަޖިލީހުން ކަނޑައަޅާފައިވާ އިންޝުއަރެންސް ޕެކޭޖުގެ އަދަދު ކުޑަވުމުގެ ސަބަބުން، މެންބަރުންނާއި މުވައްޒަފުންގެ ބޭސްފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމުގައި އިންޝުއަރެންސް ކުންފުނިތަކަށް އެފޯޑު ނުކުރެވެނީ ކަމަށް ބެލެވެއެވެ.
މެންބަރުންގެ އިންޝުއަރެންސްއާ ގުޅޭގޮތުން އާންމުންގެ މެދުގައި ކުއްކުރެވިފައިވާ ކަންކަމަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، މެންބަރުންނަށް ވަކި ލިމިޓެއް ނެތި ބޭނުން އަދަދަކަށް ބޭސްކުރެވޭ ކަމަށް އާންމުން ދެކޭ ދެކުމަކީ އޮޅުމެއް ކަމަށެވެ. މެންބަރުންނަށްވެސް އިންޝުއަރެންސްގެ ވަކި ލިމިޓެއް ކަނޑައެޅިފައި އޮންނަ ކަމަށާއި، ލިބެނީ ހަމަ އާސަންދައިގެ ދަށުން ލިބޭ ފަދަ ޚިދުމަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ބޮޑު މުސާރައާއި އިނާޔަތްތައް ލިބޭ މެންބަރުންގެ އިންޝުއަރެންސް މައްސަލައިގައި ކަންބޮޑުވުންފާޅު ކުރައްވާފައިވާއިރު، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ކެންސަލްވާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ މަޖިލީހަށް އަމާޒުވެފައެވެ.
އާންމު ކޮމިޓީގެ ސިއްރު މަޝްވަރާތަކަށްފަހު ނިންމާފައިވަނީ، މެންބަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހައްލެއް ހޯދުމަށް ކުރިއަށް އޮތް ބައްދަލުވުމަށް އެލައިޑް އިންޝުއަރެންސްގެ ބޭފުޅުން ހާޒިރުކުރުމަށެވެ.




