ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓުކުރުމާއި، ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން އެކުލަވާލި ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް އަންގައިފިއެވެ. މަޖިލީހުން މިގޮތަށް އެންގީ މާލިއްޔަތު ކޮމިޓީން މި ރިޕޯޓް ދިރާސާކުރުމަށްފަހު ހުށަހެޅި ކަންކަން، ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެންނެވެ.
5 އަހަރުގެ ތެރޭގައި 5،000 އަށްވުރެ ގިނަ މުވައްޒަފުން ނެގި
2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ހަދާފައިވާ މި އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 5 އަހަރުގެ ތެރޭގައި ފެނަކައަށް ޖުމްލަ 5،289 މުވައްޒަފުން ނަގާފައިވެއެވެ. އަދި ގަވާއިދާ ޚިލާފަށް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަންވެސް ރިޕޯޓުން ވަނީ ހާމަވެފައެވެ.
މިއާއެކު، ކުންފުނީގެ އޮޕަރޭޝަން ފުޅާވާ މިންވަރާއި ވޯކްލޯޑަށް ބަލައި "ޖޮބް އެނަލިސިސް" އެއް ހެދުމަށްފަހު، ނަތީޖާއަށް ބިނާކޮށް ނޫނީ އިތުރު މުވައްޒަފުން ނުނެގުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާ ދެއްވާފައެވެ.
މާލިއްޔަތު ކޮމިޓީގެ 12 ހުށަހެޅުން
މި ރިޕޯޓް ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ވަނީ މުހިންމު 12 ކަމެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި:
-
ކުންފުނި ރައިޓްސައިޒް ކުރުން: ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި، މުވައްޒަފުންގެ އަދަދަށް އައި ބަދަލުތަކުގެ ތަފްސީލު 3 މަސް ދުވަހުގެ ތެރޭގައި ކޮމިޓީއާ ހިއްސާކުރުން.
-
އޭސީސީ ތަހުގީގު: އޮޑިޓް ރިޕޯޓުގެ މައްސަލަތައް އޭސީސީން ތަހުގީގުކޮށް، ފުރަތަމަ މަރުހަލާގެ ތަހުލީލުތައް 30 ދުވަސް ތެރޭގައި ހުށަހެޅުމާއި، މަހަކު އެއްފަހަރު އަދާހަމަ ހިއްސާކުރުން.
-
ގަވާއިދު އިސްލާހުކުރުން: އާންމުކޮށް އިއުލާންނުކޮށް މުވައްޒަފުން ނުނެގޭގޮތަށް މުވައްޒަފުންގެ ގަވާއިދާއި އެސްއޯޕީތައް 3 މަސްދުވަހުގެ ތެރޭގައި އިސްލާހުކުރުން.
ގަވާއިދާ ޚިލާފަށް ކަންކަން ކުރި ފަރާތްތަކަށް ފިޔަވަޅު އެޅުން
2022 އަދި 2023 ވަނަ އަހަރު ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދިން ބަޔަކާއި، އިންހައުސް މަޝްރޫއުތަކުގެ ނަމުގައި މުވައްޒަފުން ނަގައި ބޮޑު މުސާރަ ދިން ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީއަށާއި ފުލުހުންނަށް އެންގުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އިންހައުސް މަޝްރޫޢުތަކުގައި ނެގި ބައެއް މުވައްޒަފުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި އިތުރަށް ދީފައިވާ 229،711 ރުފިޔާ އަނބުރާ ހޯދުމަށް ފެނަކައަށް އެންގުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.



