މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށާއި، އޮޕަރޭޝަންތައް ފަސޭހަކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ވިޔަފާރިވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މީރުމާގައި ބޭއްވި މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީޤާއި، އިސް މެނޭޖްމަންޓުގެ ބޭފުޅުންގެ އިތުރުން ވިޔަފާރިވެރިންގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. އަދި އެތަނުގައި ބައިނަލްއަޤްވާމީ ބަނދަރެއްގެ އިތުރުން އަތޮޅުތެރެއާއި ރިސޯޓުތަކަށް ޚިދުމަތްދޭ ބަނދަރާއި، ގުދަންކުރުމާއި ގަނެވިއްކާ ސަރަހައްދުތައް ހިމެނޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެއްގެ ތެރޭގައި ހިމެނޭ، 24 ގަޑިއިރު ޚިދުމަތްދޭ މި ޒަމާނީ މަލްޓި-ޕާޕަސް ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ޚިދުމަތަށް ހުޅުވުމަށް ވަނީ ތައްޔާރުވެފައެވެ. މީގެ ސަބަބުން ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.



