މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފުލެޓް ސަރަހައްދުން 20 އަހަރުގެ ދިވެހި ޒުވާނަކު 26 ސެލޯފިންކޮޅުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި، ޝަބްނަމީގެ، ޝިއާން އަޙްމަދެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުން ރޭ އެ ސަރަހައްދު ޕެޓްރޯލް ކުރަނިކޮށް ފެނުމުން އަތުގައި އޮތް އެއްޗެއް އެއްލާލައި ފިލަން މަސައްކަތް ކުރުމުން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައެވެ. އޭނާގެ އަތުން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނުގައި 24.80 ގުރާމު ހުރިއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



