އެމްޑީޕީ ސަރުކާރުން 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމުން، އެ މަސައްކަތުގެ ތަޖުރިބާ ނެތް ކުންފުނިތައް ހިމެނޭހެން މުޅި މަޝްރޫއު ސަބްކޮންޓްރެކްޓް ކޮށްފައިވަނީ އަސްލު އަގަށްވުރެ ބޮޑު އަގުގައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މާލިއްޔަތު ގަވާއިދާ ހިލާފަށް ސަރުކާރު ކުންފުންޏަކުން މުޅި މަޝްރޫއު ސަބްކޮންޓްރެކްޓް ކުރުމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުން އިންތިހާއަށް ލަސްވެގެން ގޮސްފައިވާ ކަމަށެވެ.
ކިހާދޫގެ މަޝްރޫއުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 40 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކުރި އެ މަޝްރޫއުގެ 16 އިންސައްތަ ނިމުނުުތަނާ މަސައްކަތް އެއްކޮށް ހުއްޓުނު ކަމަށެވެ. އަދި މި ސަރުކާރުން ހަވާލުވިއިރު، ކުރީގެ މެނޭޖްމަންޓުން އަގުބޮޑުކޮށް ސަބްކޮންޓްރެކްޓް ކޮށްފައިވާތީ މަޝްރޫއު ކުރިއަށް ނުގެންދެވޭނެކަމަށް ފެނަކައިން އަންގާފައިވާތީ، އެ އެއްބަސްވުން ބާތިލުކޮށް މިހާރު އެ މަސައްކަތް ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައެވެ.
15 ޖުލައި 2025 ގައި އެމްޑަބްލިއުއެސްސީން އަމަލީ މަސައްކަތް އަލުން ފަށައި، ޕަމްޕް ސްޓޭޝަނާއި، އާރުއޯ ޕްލާންޓް އަދި ޓޭންކްތަކުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް މުޅި މަޝްރޫއުގެ 10 އިންސައްތަ ވަނީ ނިމިފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކިހާދޫގެ މަޝްރޫއު 30 އޮކްޓޯބަރު 2027 އަށް ނިންމުމަށް އަމާޒުހިފާފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތަށް 6 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށްޓަކައި އަވަސް ސްޕީޑެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ހަދާފައިވާ ގޯސްތަކުގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށް ނިންމެވުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



