އައްޑޫ ލިންކްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް އިތުރު ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ލިންކްރޯޑުގެ ތާރުއެޅުމުގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރި ނަމަވެސް، މަޝްރޫޢުގައި ބާކީ ހުރި މަގުތަކުގެ މަސައްކަތް ކުރިއަށްގެންދާނީ އާރްޑީސީން ކަމަށެވެ.
ސަރުކާރުން މެޝިނަރީޒް ހޯދައިގެން ކުރިއަށްގެންދާ މި މަޝްރޫޢު ރަނގަޅު ފެންވަރަކަށް ނިންމުމަށް 400 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކޮސްޓް ޕްރައިޒްގައި ވީހާވެސް ކުޑަ ޚަރަދަކުން އަދި އަވަހަށް މަސައްކަތް ނިންމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިވަގުތު ކުރިއަށްދަނީ މަގު ސާފުކުރުމުގެ މަސައްކަތްތަކެވެ.
ހިތަދޫ، މަރަދޫ އަދި ފޭދޫ ހިމެނޭހެން ޖުމްލަ 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މި މަޝްރޫޢުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި 40 މިލިމީޓަރުގެ ތާރު އަޅާނެއެވެ. މީގެއިތުރުން ގައު އަތުރާފައިވާ މަގުތަކުގައި ތާރުއެޅުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމުގެ އިތުރުން ދުވާރު ހެދުމާއި މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.




