ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 49 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މިހާރު އެންމެ ހިނގަމުންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްތަކާއި، އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން ނެރު ފައިކަށީގެ ހިލަ ޖެއްސުމުގެ މަސައްކަތްތަކެވެ.
ޖުމްލަ 78.6 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި ބިން ހިއްކުމުގެ ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާ ބަނދަރާއި މިހާރުގެ ބަނދަރުގެ ފަޅާއި ނެރު ހިމެނޭހެން 120,000 އަށްވުރެ ގިނަ ކޮޑި މީޓަރުގެ ވެލި ކޮނުމާއި، 48,850 ކޮޑި މީޓަރުގެ ވެލި ބިން ހިއްކުމަށް ކޮނުން ހިމެނެއެވެ. މީގެއިތުރުން 277.7 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 244.7 މީޓަރުގެ ބޭރުތޮށި ޖެހުމާއި، 534 މީޓަރުގެ އެއްގަމު ތޮއްޓާއި ސްކަވަރިން އޭޕްރަން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި 188 މީޓަރުގެ ގްރޮއިން ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުމާއި، 11 މީޓަރުގެ ރޭމްޕެއް ހެދުމުގެ އިތުރުން 2,660 އަކަ މީޓަރުގެ ޕޭވްމަންޓް އެޅުން ހިމެނެއެވެ. އަދި ބަނދަރުގެ ސަރަހައްދު ދިއްލުމަށްޓަކައި 18 ބަނދަރު ބައްތިއާއި 6 ނެރު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއަކީ ނަޑެއްލާގެ އުމްރާނީ އަދި އިގްތިސާދީ ތަރައްޤީއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެކެވެ.




