މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 111.42 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ބުނެފިއެވެ. އެ ބޭންކުން އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މުހިންމު މާލީ ދާއިރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ބޭންކަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. މިއީ އަހަރީ ގޮތުން ބަލާއިރު ސާފު ފައިދާއަށް ލިބުނު 15.66 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ނަތީޖާއަށް ބަލާއިރު، ދެވަނަ ކުއާޓަރު ނިމުނުއިރު އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 19.31 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 4.37 އިންސައްތައިގެ އިތުރުވުމެއްގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 43.52 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 170 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ 4.29 އިންސައްތައިގެ އިތުރުވުމެކެވެ. މީގެއިތުރުން، އާމްދަނީގެ ގޮތުގައި ބޭންކަށް 284.60 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ 5.85 އިންސައްތަ އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 32.07 އިންސައްތައިގެ އިތުރުވުމެކެވެ.
ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމަވާގޮތަށް، މި މުއްދަތުގައި ޑިޕޮސިޓް ކުރި އަދަދު ވަނީ 5.37 އިންސައްތަ އިތުރުވެ، 16.22 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ އަހަރީ މުއްދަތަށް ބަލާއިރު 43.24 އިންސައްތައިގެ ކުރިއެރުމެކެވެ. އެމްއައިބީއިން ބުނީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، އީޖާދީ އަދި ކަސްޓަމަރުންނާ ރައްޓެހި މާލީ ޚިދުމަތްތައް ފޯރުކޮށްދީ، ޒިންމާދާރު ބޭންކިންގ އުޞޫލުތަކުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.




