ރާއްޖޭގެ މައިން ދަރިންނަށްޓަކައި ވެވަޑައިގަންނަވާ ގުރުބާނީގެ އަގުވަޒަންކުރައްވައި، ދަރިފުޅުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި ގާތުން ކިރުދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޚާއްޞަ މެސެޖެއް ދެއްވައިފިއެވެ.
ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފުތާ ފާހަގަކުރުމުގެ ގޮތުން ދެއްވި މެސެޖުގައި އެކަމަނާ ވަނީ މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމަޢުގެ އެކުވި ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ދަރިފުޅަށް ކިރުދިނުމަށް މައިން ވެވަޑައިގަންނަވާ ކޮންމެ ގުރުބާނީއަކީ ލޯތްބާއި އަޅާލުމުގެ އިންތިހާއެވެ. އަދި ގާތުން ކިރުދިނުމަކީ ހަމައެކަނި ކާނާ ފޯރުކޮށްދިނުން އެކަނި ނޫން ކަމަށާއި، އެއީ ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ނަފްސާނީ އަދި ޖަޒުބާތީ ގުޅުން ބަދަހިކޮށްދީ، މުޅި އުމުރަށް ދުޅަހެޔޮ ސިއްހަތެއްގެ ބިންގާ އަޅައިދޭ އެންމެ ފުރަތަމަ ރައްކާތެރިކަމުގެ ދިފާއީ އައްޑަނަކަން އެކަމަނާ ބަޔާންކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް 2 އަހަރު ފުރެންދެން މުސާރަ ލިބޭ ގޮތަށް ކިރުދިނުމުގެ ވަގުތު (ނާސިންގ ބްރޭކް) ދިނުމާއި، ވިހެއުމާ ގުޅިގެން ދެވޭ މުސާރައާއެކު ލިބޭ ޗުއްޓީ ރައްކާތެރިކޮށްދިނުމުގެ އިތުރުން، ތުއްތުކުދިންގެ ސިއްހީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގައި ބޮޑެތި ކުރިއޭރުންތަކެއް ހޯދާފައިވާކަން މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދަރިފުޅަށް ސިއްހަތު ފުރިހަމަ ފެށުމެއް ހޯދައިދިނުމަށްޓަކައި މައިންނަށް ލިބިދީފައިވާ މިފަދަ ހައްގުތަކާއި ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި މައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، މަސައްކަތުގެ މާހައުލާއި، އަދި މުޅި މުޖުތަމައުގެވެސް އެކުވި ޒިންމާއެއްކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން މެޑަމް ސާޖިދާ ވަނީ، މިއަހަރުގެ ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފުތާގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުން ކިރުދިނުން: ކާމިޔާބު އުސޫލުތައް ވަރުގަދަކުރުން" (Breastfeeding for a Sustainable Start in Life: Strengthen What Works) މައްޗަށް އަލިއަޅުއްވާލައްވައި، ގާތުން ކިރުދިނުން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ އަޒުމް އާކުރެއްވުމަށް ގޮވާލައްވާފައެވެ.




