މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 16,991 މެޓްރިކް ޓަނުގެ މަސް ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 44,791 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 62 އިންސައްތައިގެ ދަށްވުމެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ރިޕޯޓުން ހާމަވާގޮތުގައި މަސް ބޭރުކުރި އަދަދު ދަށްވެފައިވަނީ މި މުއްދަތުގެ ތެރޭގައި މަސްވެރިކަން ދަށްވުމުގެ ސަބަބުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. އެގޮތުން ފުރަތަމަ 6 މަހު 13,083 މެޓްރިކް ޓަނުގެ ތާޒާ އަދި ފިނިކުރި މަސް ބޭރުކޮށްފައިވާއިރު (67 އިންސައްތައިގެ ދަށްވުމެއް)، މީގެ ތެރެއިން 10,603 މެޓްރިކް ޓަނަކީ ކަޅުބިލަމަހެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ 6 މަހު ބޭރުކުރި 36,112 މެޓްރިކް ޓަނުގެ ކަޅުބިލަމަހާ އަޅާބަލާއިރު 70 އިންސައްތައިގެ ދަށްވުމެކެވެ. މީގެއިތުރުން ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެ، 2,702 މެޓްރިކް ޓަނަށް ތިރިވެފައެވެ.
މަސްވެރިކަން ދަށްވި ނަމަވެސް، މި މުއްދަތުގެ ތެރޭގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު ވަނީ ކިލޯއެއް 16 ރުފިޔާއިން 20 ރުފިޔާއަށް މަތިކޮށްފައެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އެ ސިނާއަތް ފުޅާކުރުމަށްޓަކައި މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.



