އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި މި މައްސަލައިގައި، ގާނޫނުއަސާސީން ވަޒީރުންނާ މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސަޢީދު އިހުމާލުވެ، މަޖިލީހަށް ޖަވާބުދާރީވެވަޑައިނުގަންނަވާ ކަމަށާއި ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީން ސަޢީދާ ދެކޮޅަށް ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، އިގުތިޞާދީ އިސްލާހީ ސިޔާސަތުތައް ތަންފީޒު ނުކުރެވުމުގެ ސަބަބުން ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެއީ ތަބީއީ ކަމެއް ކަމަށް ވިދާޅުވެ މައްސަލައިގެ ހައްސާސްކަން ކަނޑުވާލެއްވުން ހިމެނެއެވެ. އަދި ދައުލަތުގެ މާލީ ހާލަތު ގޯސް ދަނޑިވަޅެއްގައި ރާއްޖެއިން ބޭރުގައި ބޭއްވި ފޯރަމްތަކަށާއި ރަސްމިއްޔާތުތަކަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ޚިދުމަތް ނުފެށިވާ ޑިވެލޮޕްމެންޓް ބޭންކަށް އެކަނިވެސް މިދިޔަ އަހަރުގެ މާރިޗުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ވަނީ ބުނެފައެވެ.
މީގެއިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް އިސްލާހު ގެނެސް، ޓައުންޝިޕް ތައާރަފުކޮށް ބޭރުގެ ފަރާތްތަކަށް ބޮޑެތި ލުއިތަކާއެކު ރާއްޖޭގެ ބައެއް ސަރަހައްދުތައް ދޫކުރުމުގެ ސަބަބުން ދައުލަތުގެ ބާރު ކެނޑި، މާލީ ގޮތުން ގެއްލުންތަކެއް ވެދާނެ ކަމުގެ ކަންބޮޑުވުން ހުށަހެޅިއެވެ.
އަދި ސަރުކާރުން އިއުލާނުކުރި ބޮޑެތި މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރަމުން، ބަންކަރިންގެ ޚިދުމަތުން ލިބޭނެ ކަމަށް އަންދާޒާކުރި 400 މިލިއަން ރުފިޔާ ނުލިބުމާއި، 9 ބިލިއަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރުގެ ތަފުސީލު ހާމަނުކުރުމުގެ އިތުރުން "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއަށް ހއ. ހޯރަފުށީ ފަޅުން ބޮޑު ސަރަހައްދެއް ބޭރުގެ ބަޔަކަށް ދިނުމަށްފަހު އަމަލީ މަސައްކަތް ނުފެށޭކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.




