ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް އިގްތިސާދު ހެއްދެވުން ކަމަށެވެ.
"މޯލްޑިވްސް 2.0" ތަސައްވުރާ އެއްގޮތަށް ތައާރަފުކުރާ މި ސްމާޓް އައިޑީ ކާޑަކީ ފިންގާޕްރިންޓާއި ޗިޕް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ފިޒިކަލް ކާޑެކެވެ. މި ކާޑުގެ އެހީގައި ޕޭމަންޓްތައް ދެއްކުމުގެ އިތުރުން، އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މި މަސައްކަތަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއްވެސް ފޮނުވާފައެވެ.
މުޅި ރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ގޮތުގައި ކޮންމެ ރަށެއްގައި ހުރެގެންވެސް ދައުލަތުގެ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތް ހެދުމަކީ މި ބަދަލުގެ އެންމެ ބޮޑު ބޭނުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ތިން އަހަރުގެ މުއްދަތަށް ހިންގާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން މަޝްރޫޢަކީ ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކާއި ބޭންކުތައް ގުޅިގެން ރާއްޖޭގެ ޑިޖިޓަލް ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އިފްތިތާޙްކޮށްފައިވާ ބޮޑު މަޝްރޫޢެކެވެ.




